![]()
ޔޮޓްޓުއާސްއާއި އެމްޓީޑީސީއާ ދެމެދު ހިގަމުންދާ ކޯޅުންގަނޑުގައި ޖެހިފައި ތިބި ޔޮޓްޓުއާސްގެ ނުވަ ބިދޭސީން މާދަމާ އެރަށުން ފޮނުވާލުމުން ދެން ހެރެތެރޭގައި ޔޮޓްޓުއާސްގެ އެއްވެސް މުވައްޒަފަކު ނުތިބޭނެ ކަމަށް އެމްޓީޑީސީން ބުނެފިއެވެ.
އެމްޓީޑީސީގެ މެނޭޖަރ އޮޕަރޭޝަންސް އެންޑް ޑިވަލޮޕްމެންޓް އަހުމަދު ނިޔާޒް ވިދާޅުވީ، ހެރެތެރޭގައި ތިބި ޔޮޓްޓުއާސްގެ ސަތޭކަ އެއް ބިދޭސިންގެ ތެރެއިން މިހާރު އެރަށުން ފޮނުވާނުލެވި ބާކީ ތިބީ އެންމެ ނުވަ ބިދޭސީންކަމަށެވެ. އަދި އެމީހުން މާދަމާ މާލެއަށް ފޮނުވާލާނެ ކަމަށާއި އެމީހުން ދިއުމުން އެރަށުގައި ޔޮޓްޓުއާސްގެ އެއްވެސް މުއައްޒަފަކު ނުތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ހެރެތެރޭގައި ޔޮޓްޓުއާސްގެ ބައެއްކަހަލަ މުދާ އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ރަށުގައި ހުރީ އެ ކުންފުނީގެ ގަލާއި އިންޖީނެއްގެ އިތުރުން ބައެއް ކަހަލަ ހިފާގެންގުޅޭ އާލާތްތައްކަމަށެވެ. ހެރެތެރޭގައި ތިބި ޔޮޓްޓުއާސްގެ ބިދޭސީންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޔޮޓްޓުއާސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެރަށުގައިތިބި ޔޮޓްޓުއާސްގެ ބިދޭސީ މުއައްޒަފުންނަށް އެމްޓީޑީސީން ނުފޫޒްފޯރުވައިގެން އެމީހުން އެރަށުން ބާލަމުންދާކަމަށެވެ. އަދި އެގޮތަށް އެމްޓީޑީސީން ނުފޫޒްފޯރުވައިގެން އެރަށުން ބާލާ އެއްވެސް މީހެއްގެ ހުރުމާ ކެއުމުގެ ޒިންމާ އެކުންފުނިން ނުއުފުލާނެކަމަށް އިބްރާހީމް ވިދާޅުވިއެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތަށް އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީން އައްޑު އަތޮޅު ހެރެތެރޭގައި ތަރައްގީކުރި ޓޫރިސްޓް ރިސޯޓް ހިންގުމަށް ޔޮޓްޓުއާސްއަށް ދީފައިވަނިކޮށް ދެފަރާތުގެ މެދުގައި ހިގާދިޔަ މައްސަލަތަކެއްގެ ސަބަބުން އެރަށާމެދު ޝަރުއީ މަރުހަލާއިން މިހާރުވަނީ ވަކިގޮތަކަށް ނިންމާފައެވެ. ދެފަރާތުންމެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދައުވާ އުފުލާފައިވާ މިމައްސަލައިގައި އެންމެފަހުން ކޯޓުން ނިންމާފައިވަނީ ޔޮޓްޓުއާސްއިން އެއްބަސްވުމާ ޚިލާފްވެފައިވާތީ ރަށް އަބުރާ އެމްޓީޑީސީއާއި ހަވާލުކުރުމަށެވެ.







