Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން އެޑިޓަރުގެ ބަސް އެޑިޓަރުގެ ބަސް މިވަގުތު ބޭނުންވަނީ ހަރުދަނާ ވިސްނުންތެރި މާލީ ތަޖުރިބާކާރެއް

މިވަގުތު ބޭނުންވަނީ ހަރުދަނާ ވިސްނުންތެރި މާލީ ތަޖުރިބާކާރެއް


މުޅި ރާއްޖޭގެ ހަތަރު ބިތުން މިހާރު އެންމެ ބާރަށް އިވެމުންދާ އަޑަކީ އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެ ފުން ވްޅުގަނޑަކަށް ވެއްޓި ދަރަނިވެރިވަމުންދާ ވާހަކައެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ މުދަލާ ޚިދުމަތުގެ އަގު އަތްނުފޯރާ ފަށަށް އަރަމުން ދާވާހަކައެވެ. މިއީ ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖެ ވެއްޓެންވީ ހިސާބުބާއޭ ބުނެ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާއިރު އަނެއް ބަޔަކު ތިބީ އަދިވެސް އާ ސަރުކާރުން ދަތުރުކުރަން ބޭނުންވާ މިސްރާބާމެދު އޮޅުން ބޮޅުންވެފައެވެ.

ސަރުކާރުގެ މިހާރުގެ ބަހަކީ މިއަޑިގަނޑަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ އަޑިގަނޑުގެ ސަބަބުން ވެގެން އުޅޭ ކަމެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި މާލިއްޔަތުތައް މި އަޑިގަނޑުން އަރައިގަނެ ހިންދެމިލިއިރު ވެސް ރާއްޖެ އޮތީ ހަމަ އޮތް ހިސާބުގައެވެ. މިއީ ހަގީގަތުގައިވެސް މާލީ ތަޖުރިބާއާއި ރޭވުންތެރި ކަމާ ވަރަށް ބޮޑަށް ގުޅުންހުރި ކަމެކެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. 2004ގެ ސުނާމީގައި ރާއްޖެ ވިހި އަހަރު ފަހަތަށް ޖެހުނު ކަމަށް ބައިނަލްއަގްވާމީ އިދާރާތަކުން އޭރު ބުނެފައި ވަނިކޮށް އެ ދަތިހާލުގައި ރާއްޖޭގެ މާލީ ސިޔާސަތު އޮއްވާ މާލީ އިދާރާގެ ހުންގާނާ ހަވާލުވެވަޑައިގެންނެވި ބޭފުޅަކީ ގާސިމް އިބްރާހީމެވެ. ގާސިމް އިބްރާހީމް ފަދަ މަހުޖަނަކު، ބޮޑު ވިޔަފާރި ވެރިއަކު އެފަދަ ވަގުތެއްގައި އެފަދަ ޒިންމާދާރު މަގާމަކާ ހަވާލުވެވަޑައިގެންނެވުމުން ގިނަ ބަޔަކު ފާޑުކިޔެވެ. އަދި ގާސިމަށް ހެޔޮއެދޭ ގިނަ ބަޔަކު ކަންބޮޑުވިއެވެ.

ނަމަވެސް ހިތްވަރާއި ވިސްނުމާއެކު 2005 ވަނަ އަހަރުން ފެށިގެން ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތް ވަރަށް ކާމިޔާބެވެ. ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދިޔައެވެ. ދައުލަތުގެ ބަޖެޓު ހަބިލިއަނުން ނުވަބިލިއަނަށް ބަދަލުވެ އާމްދަނީ އިތުރުވެ މާލީ ހާލަތު މުޅިން އިސްލާހުވެ ބޭރުގެ އެހީ އިތުރުވެ ފައިސާ ހޯދާނެ އިތުރު މަޝްރޫޢުތައް ހޯދައި ދެއްވި ބޭފުޅަކީ ގާސިމް އިބްރާހީމޭ ދެންނެވުމީ ކުށަކަށް ނުވާނެއެވެ. މިއީ ގިނަ ބަޔަކު ގަބޫލުކުރާ ފެންނަން އޮތް ހަގީގަތެކެވެ. ގާސިމްގެ މަޝްރޫޢު ތަކުގެ ނަތީޖާ ހަގީގަތަކަށް ނުވި އެންމެ ބޮޑު ސަބަބަކީ އޭރު ރާއްޖޭގައި އޮތް ސިޔާސީ މަޝްރަހުގެ ހަލަބޮލި ކަމެވެ. ވަކި ބަޔަކު ވެރިކަމުގެ އެތެރޭގައި ތިބެ ގާސިމުގެ ރޭވުންތެރިކަމާ ދެކޮޅަށް ތެދުވެ ފިއްތުންތައް ކުރިމަތި ކުރުވުމެވެ. ނަތީޖާ އަކަށްވީ ގާސިމް ފެއަށް ޖެހިވަޑައިގަންނަވަން ޖެހުމެވެ.

މިހާރުވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ އެފަދަ ވިސްނުންތެރި މާލީ ފިކުރާއި ފުރިހަމަ ރޭވުންތެރި، ވިސްނުންތެރި ބޭފުޅެއްގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. ހުސް ވާހަކަ ތަކާއި ހަގީގަތެއްނެތް ކުރެހުން ތަކަކަށް ނޫނެވެ. ގާސިމް ފަދަ ވިސްނުންތެރި، ރޭވުންތެރި ބޭފުޅެއްގެ ވިސްނުންތެރި ފިކުރާއި ޚިޔާލާތުން މެނުވީ މިގައުމުގެ މާލީ ސިޔާސަތު އަލުން ނަގާ ކޮޅަށް ޖެހޭކަށް ނެތްކަން މިއީ އެނގި ކަށަވަރުވާ ކަމެކެވެ.

އެންމެ ފަހުން ބަދަލުކުރީ 06:27 ހުކުރު, 23 އޮކްޓޯބަރ 2009