ޑީއާރުޕީގެ ކޮންގްރެސް ބޯމަތިވެފައި ވަނިކޮށް ޑީއާރުޕީ ކޯލިޝަންގައި ހިމެނޭ ޕީއޭގެ ލީޑަރ، އަބްދުﷲ ޔާމީނާއި، މީގެ ކުރިން ޑީއާރުޕީގެ ޒައީމަށް ފާޅުގައި ފާޑުވިދާޅުވުމަށްފަހު މިހާރު ޑީއާރުޕީގައި ހަރަކާތްތެރިވާ ފަރާތްތަކުން ޕާޓީއަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ފާޑުވިދާޅުވަމުންދަނީ ޑީއާރުޕީ ބައިބައިކޮށް، ޑީއާރުޕީގެ ރިޔާސީ ތަޚުތު ވެރިކުރުމުގެ ބޭނުމުގައި ކަމަށް އެޕާޓީގެ އިސްސަފުގައި
ހަރަކާތްތެރިވާ ބައެއް ފަރާތަކުން ވިދާޅުވެއްޖެ.
ޑީއާރްޕީގެ އަސާސީ ގަވާޢިދު އެކުލަވާލެވިފައިވާ ގޮތުން އެޕާޓީއަކީ އެންމެ ޑިމޮރެޓިކްކޮށް ހިނގާ ޕާޓީއަށް ނުވާނެކަމަށް ޑީއާރްޕީ ކޯލިޝަންގައި ހިމެނޭ ޕީއޭގެ ލީޑަރ، އަދި ރައީސް މައުމޫންގެ ކޮއްކޮ، އަބްﷲ ޔާމިން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން މިވަގުތު، ނަންހާމަކުރަން ބޭނުންނުވާ ޑީއާރުޕީގެ އިސްސަފުގައި ހަރަކާތްތެރިވަމުންދާ ބޭފުޅަކު ވިދާޅުވީ، ޑީއާރުޕީ ކޯލިޝަނުގައި ހިމެނޭ ޕީއޭގެ ރައީސް، ޑީއާރުޕީއާއި ވާދަޔަށް އަމިއްލަޔަށް ވޯޓް ބައިބައި ކުރެއްވުމަށްޓަކައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާނެކަމަށް ވިދާޅުވުމަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ދެއްކެވި ވާހަކައެއް ކަމަށް. އަދި ޑީއާރުޕީގެ ކޮންގްރެސްއާއި މިހާ ކައިރި ވެފައިވަނިކޮށް ފާޅުގައި ޑީއާރުޕީއަށާއި، ޕާޓީގެ އަސާސީ ގަވާއިދަށް ފާޑުވިދާޅުވުމަކީ ވަރަށްބޮޑު އަމިއްލަ އެޖެންޑާއެއްގެ ދަށުން ކުރެއްވި ކަމެއްކަމަށް ވެސް ޑީއާރްޕީން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި. އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޔާމިނަކީ މީގެކުރިން ޑީއާރުޕީގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމަށްފަހު، ޑީއާރުޕީން ޔާމިންގެ އެހީތެރިކަން އެންމެބޮޑަށް ބޭނުންވި ވަގުތު، ޕާޓީއާއި ޕާޓީގެ ޒައީމް ދޫކޮށްލައްވައި ވަޑައިގެންނެވި ބޭފުޅެއްކަމަށް. އެހެންކަމުން މިދަނޑިވަޅުގައި ޔާމިންގެ އިތުރުން މީގެ ކުރިން ތަކުރާރުކޮށް ޑީއާރުޕީއަށާއި، ޑީއާރުޕީގެ ޒައީމަށް ފާޅުގައި ފާޑުކިޔުމަށްފަހު މިހާރު ޕާޓީއަށް މާ ހެޔޮއެދޭ ކަމަށް ހެދިގެން، ހަރަކާތްތެރިވަމުންދާ މީހުންގެ އެންމެ ބޮޑު މަގުސަދަކަށް ވެފައިވަނީ، ޑީއާރުޕީ ބައިބައިކޮށްލައި، ޑީއާރުޕީގެ ރިޔާސީ ތަޚުތު މިފަދަ މީހުންނަށް ލިބޭނެގޮތަށް މަގުފަހި ވާނެހެން ޑީއާރުޕީގެ އަސާސީ ގަވާއިދު ބަދަލުކޮށް، ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން ލަސްކުރުންކަމަށްވެސް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި. ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ޔާމިން ކުރިމަތި ލައްވާނެކަމަށް އިއުލާން ކުރައްވާފައިވާއިރު ޑީއާރުޕީގެ ޒައީމް، ނައިބް ޒައީމް، އަދި ޕާޓީގެ އިސްފަރާތްތަކުން ވިދާޅުވަމުންދަނީ ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، އަންނަ ރިޔާސީ އިންތިޚާބް ޑީއާރުޕީން ކާމިޔާބު ކުރުމަކީ ކޮންމެެހެން ކުރަންޖެހޭ ކަމެއް ކަމަށް.
ކުރީގެ ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ އަދި ޑީއާރްޕީގެ އިސް ސަފުގައި ހަރަކާތްތެރިވެ އުޅުއްވުމަށްފަހު ޑީއާރްޕީ ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފެއްދެވި ޔާމިން ވިދާޅުވީ ޕާރޓީގެ ޒަޢީމްކަމަށް ހޮވޭ މީހަކީ ރިޔާސީ ކެންޑިޑޭޓުކަން، އަސާސީ ގަވާޢިދުގައި ލިޔެފައި އޮތީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވެރިކަމަށް ގެނައުމުގެ ބޭނުމުގައި ކަމަށް. އެހެންނަމަވެސް ފެބްރުއަރީ މަހު ބޭއްވޭ ކޮންގްރެސްއަކީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީޒްއެއް ބޭވުމަށް އަސާސީ ގަވާއިދުގައި ހިމެނުމަށް ލިބޭނޭ ފުރުޞަތެއްކަމަށް ޔާމިން ވިދާޅުވި.
ޑީއާރްޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހް ހުށަހެޅުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފައިވާއިރު، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށްޓަކައި ޕްރައިމަރީޒްއެއް ބޭއްވުމަށް އަސާސީ ގަވާޢިދަށް އިސްލާހް ހުށަހަޅާނޭކަމަށް، ޕާޓީގެ ބައެއް އިސް ހަރަކާތްތެރިން ދަނީ ވިދާޅުވަމުން.










