އެމްޑީޕީން ވައުދުވެފައިވާގޮތަށް ބޯހިޔާވަހިކަން ހޯދައިދެވިފައިނުވާތީ، ހައުސިންގ މިނިސްޓަރ، މުޙައްމަދު އަސްލަމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމުގެ ބަދަލުގައި، ވަގުތުން އިސްތިއުފާ ދިނުމަށް ދިވެހި ޤައުމީ ޕާޓީން ގޮވާލައިފި.
ޤައުމީ ޕާޓީން މިހެން ގޮވާލާފައިވަނީ، މިނިސްޓަރ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރމަންޓް، މުޙައްމަދު އަސްލަމް، މިއަދު ދަރުބާރުގެ ފަންސަވީހުގައި ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން ބޯހިޔާވަހިކަން ހޯދާދިނުމަށް ވެފައިވާ ވަޢުދު މިއަދާހަމައަށްވެސް
ފުއްދިފައިނުވާތީ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވިދާޅުވުމާއި ގުޅިގެން، އެ ޕާޓީން ނެރެނު ނޫސްބަޔާނެއްގަ.
އެބާޔާނުގައި ބުނެފައިވަނީ، މިހާރުގެ ސަރުކާރުގެ ފަސް ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ފުއްދައިދިނުމުގައި ރައީސް ނަޝީދުގެ ސަރުކާރުން، އިންތިހާއަށް ދޮގުހަދާ، ރައްޔިތުންނަށް ނަނާ ހުވަފެން ދައްކަމުން ގޮސްފައިވަނީ، ހައުސިންގ މިނިސްޓަރ، މުޙައްމަދު އަސްލަމުގެ ފުރިހަމަ ބައިވެރިވުމާއި އެކުގައިކަމަށްވާތީ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމުގެ ބަދަލުގައި، މިހާރުން މިހާރަށް މަޤާމުން އިސްތިއުފާ ދޭން ޖެހޭނެކަމަށް. ޗައިނާ ސަރުކާރުން، ފަންސަވީސް ހާސްގެ، ރާއްޖެއަށް ހަދިޔާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެ، ސްޕެޝަލް އެންވޯއީ، އިބުރާހިމް ޙުސައިން ޒަކީ، ތަކުރާރުކޮށް ރައްޔިތުންނަށް ދޮގު ހަދާފައިވާކަމަށް ވެސް، އެ ބަޔާނުގައި ބުނެފައިވޭ.
މީގެއިތުރުން ޤައުމީ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތި ވަމުން އައިދުވަސްވަރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހަމަ ދެންމެ ދެންމެ ފްލެޓް އެޅިދާނެހެން ހީވާގޮތަށް ވިދާޅުވެ، ރައީސް ނަޝީދު ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފައިވާކަމަށް. ބޯހިޔަވަހިކަން ހޯދައިދިނުމުގެ ވަޢުދު ފުއްދައިނުދެވިގެން އިސްތިއުފާދޭން ޖެހޭނެކަމަށް ބުނެ، ޤައުމީ ޕާޓީން ބަޔާން ނެރެފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ސާދަ މަސް ދުވަހުގެ ތެރޭގައި، ދިވެހިންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށްދޭނެކަމަށް ވައުދުވެފައި ނުވާކަމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުން. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި، ފްލެޓް އިމާރާތްކުރަން ފަށާނެ ކަމުގެ ވާހަކަ، ތަފާތު ފަހަރުމަތިން ސަރުކާރުގެ ވެރިން ވަނީ ވިދާޅުވެފަ.









