ރައީސުލް ޖުމްހޫރިއްޔާއާއި، އެމްޑީޕީގެ ގިނަ މެންބަރުން ދައްކަވަމުންދާ ރީތި ނަމޫނާގައި ހިފަހައްޓައި، އެ ނަމޫނާ ދެއްކުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސަށް، ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑޮކްޓަރ ޑީޑީ) ގޮވާލައްވައިފި.
ރޭ އެމްޑީޕީން އިންތިޒާމްކޮށްގެން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ ޑީޑީ ވިދާޅުވީ، އެމްޑީޕީއަކީ ގައުމަށް ދިމާވާ ކޮންމެކަމެއްގައިވެސް، ރައްޔިތުންނަށް ވަރަށް ރީތި މިސާލުތަކެއް ދައްކަމުންދާ ބައެއްކަމަށް.
އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން، ޚާއްސަކޮށް މިވަގުތު އެމްޑީޕީގެ މަޖިލީހުގެ ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވި މޫސާ މަނިކް (ރީކޯ މޫސަ) މިނަމޫނާ ދައްކަން ޖެހޭކަމަށް.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ދެހާސް ދިހަވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަކީ ލަފާކުރާ ބަޖެޓެއްކަމަށާއި، އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް އެއްޗެއް ދެވޭނީ ސަރުކާރަށް ލިބޭ އެއްޗަކުން ކަމަށް. އަދި ސިވިލްސާވިސް މުސާރަ މައްސަލާގައި، އިދިކޮޅު ފަރާތްތަކުންނާއި، ޚާއްސަކޮށް ސިވިލްސާވިސް ކޮމިޝަނުން މައުލޫމާތު ރަނގަޅަށް ސާފު ނުކޮށް، ވާހަކަތައް ދައްކަވަމުން ދާކަމަށާއި، އެހެންކަމުން މިފަދަ ވާހަކަތައް ދައްކާއިރު ސިވިލްސާވިސް ކޮމިޝަނުންވެސް، ޒިންމާދާރު ގޮތެއްގައި ވާހަކަތައް ދެއްކުމަށް ފިޝަރީޒް މިނިސްޓަރ ގޮވާލެއްވި.
ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކުރި ފަހުން، މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި، ވިއްސަކަށް ބޭފުޅުންނަށް ސިޔާސީ މަގާމްތައް ދެއްވާފައިވާކަމަށް ބުނެ، އިދިކޮޅު ބައެއް ބޭފުޅުންދަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން.










