ޑީއާރްޕީގެ ނާއިބް ޒަޢީމް، އަހްމަދު ތަސްމީން ޢަލީއަށް ޕީއޭގެ ރައީސް، އަބްދުﷲ ޔާމިން ދެއްވި އެއްލައްކަ ޑޮލަރު އަނބުރާ ނުލިބިގެން ޔާމިން ދައުޥާ ކޮށްފައިވާއިރު، މިހާތަނަށް ސަރުކާރުގެ ވަޒީފާނޫން އެހެން މަސައްކަތެއް ނުވަތަ ވިޔަފާރީއެއް ނުކުރައްވާ ކަމަށްބުނާ ޔާމިނަށް އެއްލައްކަ ޑޮލަރު މީހަކަށް ދެއްވި ކަމީ ސުވާލު އުފެދޭ ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ބުނެފި.
ރާއްޖޭގައި ތިރީސް އަހަރު ދުވަހު ވެރިކަން ކުރައްވާފައިވާ ރައީސް
މައުމޫންގެ ކޮއްކޮ އަބްދުﷲ ޔާމިން ތަސްމީނަށް އެއްލައްކަ ޑޮލަރުގެ ލޯނެއް ދެއްވި ކަމަށް ބުނާ މައްސަލައިގާ ޚިޔާލު އުފެދޭ އެންމެ ބޮޑު މައްސަލައަކީ، ޔާމީނަކީ އެއްވެސް ކަހަލަ އަމިއްލަ ވިޔަފާރީއެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ތަކުރާރުކޮށް އެކި މުނާސަބަތު ތަކުގައި ޔާމިން ވިދާޅުވެފައިވާތީ ކަމަށް އެފަދަ ފަރާތްތަކުން ބުނޭ. ޔާމިން މިހާތަނަށްވެސް ވިދާޅުވެފައިވަނީ އޭނާއަކީ ސަރުކާރުގެ ވަޒީފާ ވިޔަވައި އެހެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރައްވާފައިވާ ބޭފުޅެއް ނޫންކަމަށް. އަދި ރައީސް މައުމޫންގެ ސަރުކާރުގެ ވަޒީރު ކަމާއި އެންމެ ބާރުގަދަ އެހެނިހެން މަގާމުތައް ފުރުއްވާފައިވީ ނަމަވެސް ނުހައްގުން އެއްވެސް ފައިސާ އެއް ރައީސް މައުމޫން ދެއްވާފައި ނުވާ ކަމަށާއި އަދި ނާޖާއިޒް ގޮތެއްގަައިވެސް އެއްވެސް ފައިސާއެއް ދައުލަތުން ނަންގަވާފައި ނުޥާނެ ކަމަށް ޔާމީން ވަނީ ދިޓީވީގެ މަންތިރި ޕްރޮގްރާމުގައިވެސް ދާދިފަހުން ވިދާޅުވެފަ.
އަމިއްލަ އެއްވެސް ވިޔަފާރިއެއް ނުކުރައްވާ ޔާމިން، ތަސްމީން އަލީއަށް ދެއްވާފައިވާ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ނުދައްކާވާތީ ތަސްމީން އަލީ ގޮވައިގެން ކޯޓަށް ދިޔައިރު ދެބޭފުޅުންނަކީވެސް އެއްކޯލިޝަނެއްގެ ތެރެއިން އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ތައްޔާރުވާ ދެބޭފުޅުންކަން ފާހަގަ ކޮށްލެވޭ. ނުރަސްމީ ޚަބަރުތައް ބުނާ ގޮތުގައި ތަސްމީން އަލީވެސް މިހާރު ދަނީ ޔާމިން ގޮވައިގެން ކޯޓަށް ވަޑައިގެންނެވުމަށް ތައްޔާރު ވަމުން. ތަސްމީން ކޯޓަށް ވަޑައިގަންނަވަނީ ޔާމިން އޭނާއަށް ދައްކަވަންޖެހޭ ތިން ލައްކަ ޑޮލަރު ހޯދުމަށް ކަމަށްވޭ.










