މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަހުމަދު މުޖުތަބާ އިއްޔެ ތ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި.
މިކަމާ ގުޅޭގޮތުން މައުލޫމާތުދެމުން އެރަށު ރައްޔިތަކު ބުނީ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ކުރިއައްގެންދިޔަ ޖަލްސާ ހުއްޓާލަންޖެހުނީ ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކައިގެ ސަބަބުން ބޮޑު ދެޕާޓީއަށް ނިސްބަތްވާ މީހުންގެ ޚިޔާލު
ތަފާތުވެ އަޑުގަދަވުމުގެ ސަބަބުންކަމަށް. އޭނާ ބުނީ ސްޓޭޓް މިނިސްޓަރ އެރަށަށް ވަޑައިގެންނެވީ ސަރުކާރާ ރައްޔިތުންނާ ދެމެދު ޚިޔާލުތަފާތުވެފައިވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ކަމަށާ ނަމަވެސް ރައްޔިތުންނާ މުހާތަބުކުރައްވައި ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ދައްކަވާފައިވަނީ ކަމާނުގުޅޭ ވާހަކަތަކެއްކަމަށް. މިގޮތުން ކުރީގެ ސަރުކާރުގެ ހަރަދުތައް ބޮޑުވާހަކަޔާ މިނޫންވެސް އެފަދަ ވާހަކަތައް ދައްކަވަން ފެށުމުން ބައްދަލުވުން ހޫނުވެ ދެ ޕާޓީއަށް ނިސްބަތްވާ މީހުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުވެގެން ދިޔަކަމަށް އޭނާ ބުނި.
ބައްދަލުވުން ހޫނުވެގެން ދިޔަ ވަގުތު ރައްޔިތުންނާ މުހާތަބުކޮށް، އެތަނުން ނުކުމެގެން ދިއުމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ އެންގެވިކަމަށާއި، ބައްދަލުވުން ހޫނުވެގެން ދިޔަ ނަމަވެސް އެއްވެސް ކަހަލަ މާރާމާރީއެއް ހިނގާފައި ނުވާކަމަށްވެސް އޭނާ ބުނި.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ އެރަށަށް ވަޑައިގެންނެވީ ކަރަންޓްގެ މައްސަލަޔާ، އެ ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުންއަންނަ ދޯނި ސަރވިސްއަށް އެރަށުން ދޭން އުޅޭ ބިމާ ބެހޭގޮތުން ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް. ރައްޔިތުންގެ ރުހުމާ، އިދިކޮޅަށް ސަރުކާރުން އެރަށުގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާއިރު، ދޯނި ސަރވިސްއަށް އެއްވެސް ކަހަލަ އަގަކާނުލާ ފަންސާސް އަހަރަށް އެރަށުން ބިމެއް އެގްރީމެންޓްކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް އެރަށުން ވާހަކަދެއްކި މީހަކުބުނި.
މިކަމާ ގުޅިގެން ރަށުގެ ކައުންސިލަރގެ ބަހެއް ހޯދުމަށް އޭނާއާ ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ.










