ކެބިނެޓްގެ ނިންމުމާއި ޚިލާފަށް މެދު އުތުރު ޕްރޮވިންސްގެ މިނިސްޓަރު ހަރަދުކުރައްވާކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ހޯމް މިނިސްޓަރ ފޮނުއްވާފައިވާ ސިޓީގައި، ވިދާޅުވާ ޚަރަދުތައް ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން މާކުރިން ދީފައިވާ ހުއްދައެއްގެ މައްޗަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ކެބިނެޓުގެ ނިންމުމަށް މޮނާޒާ ނަޢީމް ގޮންޖައްސަވައިފި.
ކެބިނެޓުގެ ނިންމުމާއި ޚިލާފަށް ތަންތަން ކުއްޔަށް ހިއްޕަވައިގެން
މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް، މޮނާޒާ ނައީމް ހަރަދު ކުރައްވަމުންގެންދަވާކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ހޯމް މިނިސްޓަރ މުހަންމަދު ޝިހާބް ފޮނުއްވާފައިވާ ސިޓީއެއް ހުސްވި ހަފްތާގައި ވަނީ ލީކުވެފައި. މިކަމާއި ގުޅިގެން މެދު އުތުރު ޕްރޮވިންސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާނީ ކ.މާފުއްޓަކީ މެދު އުތުރު ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ކަމުގައި ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން، އޮފީސް ހިންގުމަށް ލިބެންހުރި އިމާރާތަކީ ކޮބައިތޯ ބެލިކަމަށާއި ނަމަވެސް އިމާރާތެއް ލިބޭގޮތް ނުވީކަމަށް. އަދި ސަރުކާރާއި މަޝްވާރާކުރުމަށްފަހު، ޕްރޮވިންސް އޮފީސް ހިންގާނެ އިމާރާތަކާއި އެއޮފީހުގެ ވެރިންނާއި އެއޮފީހުގައި މަސައްކަތްކުރާ ރަށުންބޭރުގެ މުވައްޒަފުންތިބުމަށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ތިން ގެއެއް ކުއްޔަށް ހިފާއިވާކަމަށް މެދު އުތުރު ޕްރޮވިންސް އޮފީހުން ނެރުން ނޫސްބަޔާނުގައި ބުނެފައިވޭ.
ޕްރޮވިންސް އޮފީސް ގާއިމްކޮށްފައިވާ ރަށްރަށުގައި އަތޮޅުގެ ހުރިނަމަ އެއީ އެޕްރޮވިންސެއްގެ ސްޓޭޓް މިނިސްޓަރު ހުންނަވާ ގެކަމަށް ރައީސް ނަޝީދު ހަމަޖައްސަވާފައިވާކަމަށްވެސް އެ ނޫސްބަޔާނުގައިވޭ. އަދި ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އެކި އޮފީސްތަކުގެ މެދުގައި ވަރަށް ބޮޑަށް ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެ ނަޢީމުގެ ޝަކުވާ ރައީސް ނަޝީދަށް ހުށަހެޅުއްވި މުހަންމަދު ޝިހާބަށް ބަދުބަސްތައް ރައްދުވާ ގޮތަށް ނަޢީމް ނެރުއްވި ނޫސްބަޔާނުގައި ހިމަނާފައިވޭ.
މެދު އުތުރު ޕްރޮވިންސް އޮފީހަށް ތިންގެއެއް ކުއްޔަށް ހިފާފައިވަނިކޮށް، ޕްރޮވިންސްތަކުގައި ތިއްބަވާ ސްޓޭޓް މިނިސްޓަރުންނާއި އެބޭފުޅުންގެ ނައިބުންގެ ފަރިށްކޮޅާއި އެކޮމަޑޭޝަން ހަމަޖައްސަން ޖެހިވަޑައިގަނަނަވާނީ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ލިވިން އެލަވަންސުންކަމަށް ކެބިނެޓުން ނިންމުމާ ގުޅިގެން، ތަކުރާރުކޮށް މޮނާޒާ ނަޢީމަށް އެކަން އެންގެވުމުންވެސް ކެބިނެޓްގެ ނިންމުމާ ޚިލާފަށް މޮނާޒާ ނަޢީމް ސަރުކާރުގެ ފައިސާ ހޭދަކުރަމުން ދާކަމަށް ހޯމް މިނިސްޓަރ ރައީސް ނަޝީދަށް ހުސްވި ޖެނުއަރީ މަހުގެ ފަހުކޮޅު ފޮނުއްވާފައިވާ ސިޓީގައިވޭ. އަދި ނަޢީމް ފިޔަވައި އެހެން ހުރިހާ ޕްރޮވިންސް ތަކުން އެނިންމުމާ އެއްގޮތަށް އަމަލު ކުރަމުންދާކަން ހޯމް މިނިސްޓަރ ފާހަގަކުރައްވާފައިވޭ.
ކ.މާފުށިގައި ސްޓޭޓް މިނިސްޓަރ ހުންނެވުމަށް މަހަކު ބާރަ ހާސް ރުފިޔާއަށް ހަތް ކޮޓަރީގެ ގެއެއް ކުއްޔަށް ހިފާފައިވާކަމަށާއި އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބުން ތިއްބެވުމަށް ދިހަހާސް ރުފިޔާއަށް ފަސް ކޮޓަރީގެ ގެއެއް ކުއްޔަށް ހިފާފައިވާކަމަށް ހޯމް މިނިސްޓަރގެ ސިޓީގައި ފާހަގަ ކުރައްވާފައިވޭ. އަދި ރަށުން ބޭރުން މާފުއްޓަށް ވަޒީފާ އަދާކުރަން އަންނަ މުވައްޒަފުންތިބުމަށް ތިންކޮޓަރީގެ ގެއެއް، މަހަކު ހަހާސް ރުފިޔާގެ މަގުން ކުއްޔަށް ހިފާފައިވާކަމަށްވެސް ސިޓީގައި ވިދާޅުވެފައިވޭ. ކެބިނެޓްގެ ނިންމުމަށް މޮނާޒާ ނަޢީމް އަމަލުކުރައްވާފައިނުވާތީ ހޯމް މިނިސްޓްރީން ފޮނުވި މެސެޖެއްގައި އެތަންތަން ދޫކޮށްލުުމަށް ދިން މުއްދަތުގައިވެސް އެކަން ކޮށްފައިނުވާކަމަށްވެސް ހޯމް މިނިސްޓްރ ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވޭ. މިގޮތުން މުއްދަތު ފާއިތުވެ ދިޔައިރުވެސް ކުއްޔަށް ހިފާފައިވާ ތިންތަނުންކުރެ އެއްވެސް ތަނެއް ދޫކޮށްލާފައި ނުވާކަމަށާއި ފަރިއްކޮޅަށް ދާ ޚަރަދުވެސް ކުރަމުންގެންދަނީ ޕްރޮވިންސް އޮފީހުގެ ބަޖެޓުންކަމަށް ހޯމް މިނިސްޓަރ މުހަންމަދު ޝިހާބް ރައީސް ނަޝީދަށް ފޮނުއްވިކަމަށް ބުނާ ސިޓީގައި ވިދާޅުވެފައިވޭ.
މިކަން ފެންމަތިވުމާއި ގުޅިގެން ލޭބަރ ޕާޓީން މިމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހުށަހަޅާފައި. ރައީސް ނަޝީދާއި ހޯމް މިނިސްޓަރާއި ދެމެދު މިމައްސައިގައި ސިޓީބިޓީ ބަދަލުކުރެވިފައި ވާއިރު، ދައުލަތުގެ ސިޔާސީ މުވައްޒަފަކުވެސް އަދި އެހެން މުވައްޒަފަކުވެސް ދައުލަތުގެ ފައިސާގައި ނުވަތަ އެހެން އެއްވެސް އެއްޗެއްގައި ޖެހިއްޖެކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ، އެކަން އަންގަންވާ ތަންތަނަށް ނާންގައި ހުރުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާއި، އެއީ މުޅި ޤައުމު ހަލާކުކޮށްލުން ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައި. ރާއްޖެ ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެނގިވަޑައިގަންނަވައިގެން، އެއްވެސް މުވައްޒަފަކު ދައުލަތުގެ އެއްވެސް އެއްޗެއްގައި ޖެހިއްޖެނަމަ، އޭގެ ޙައްޤު އަދަބު އެމީހަކަށް ދެވޭނެ ކަމަށް.
ނަމަވެސް މޮނާޒާ ނަޢީމް ވަނީ ލީކްވި މިސިޓީއާބެހޭ ޚަބަރު އެންމެ ފުރަތަމަ ގެނަސްދިން ދިޓީވީއަށާއި ހަވީރު ނޫހަށް ފާޑުކިޔާފައި. ނަމަވެސް މިއިން އެއްވެސް ޚަބަރެއްގައިވާ މައުލޫމާތަކީ ދޮގުކަން ނަޢީމަށް ސާބިތުކޮށްދެވިފައި ނުވާއިރު އެކަން ދިފާޢު ކުރެއްވުމަށް ނަޢީމްގެ ބަޔާނުގައި ހުއްޖަތް ތަކެއް ދައްކަވަން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކޮށްލެވޭ.









