ޑީއާރްޕީގެ ތިންވަނަ ކޮންގްރެސް ބޯމަތިވެފައިވާއިރު ޕާޓީގެ ތެރޭގައި ކޯޅުންތަކާއި ބައިބައިވުން އުފެދެމުންދާ ކަމުގެ އަޑުތަކާއި މަންޒަރުތައް ފެންނަން ފަށައިފި. މިމައްސަލައިގާ ޕާޓީގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންވެސް މިހާރުދަނީ ކަންބޮޑުވުން ފާޅުކުރައްވަމުން
ޑީއާރްޕީގެ ތެރޭގައި ބައިބައިވުމާއި ކޯޅުންތައް ބޮޑުވެފައިވަނީ ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެ ހަލަބޮލިވެގެން ކަމަށް ބައެއްފަރާތްތަކުން ބުނަމުންދާއިރު އަނެއް ބަޔަކު ބުނަނީ މިފަހަކަށް އައިސް އިދިކޮޅު ޕާޓީގެ ތެރެއިން މިފަދަ ޚިޔާލު ތަފާތުވުންތަކަށް ޖާގަ ލިބުނީ ޕާޓީގެ ވިސްނުމާއި ރޫހާއި ޚިލާފު
ބަޔަކު ޕާޓީއާއި ގުޅުމުން ކަމަށް. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާތަނަށް ވެސް ޑީއާރްޕީ އެކަތިގަނޑެއްގެ ގޮތުގައި ފެނިފައި ވަނީ ޕާޓީގެ ޒަޢީމް މައުމޫންގެ ސަބަބުން ކަމަށް. ކޮންމެއަކަށް މިހާރުގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ވާދަވެރިންގެ ތެރޭހައި ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އެބައޮތްކަން ޕާޓީގެ އެންމެ އިސްވެރިންނަށްވެސް ވަނީ ގަބޫލުކުރައްވަން ޖެހިވަޑައިގެންފަ. މިގޮތުން މިފަދަ ބައިބައިވުން ތަކާއި ކޯޅުންތައް ހުއްޓުވުމަށްޓަކާ ޕާޓީގެ ޒަޢީމްވެސް މިހާރު ވަނީ މަސައްކަތް ފައްޓަވާފައި.
މިގޮތުން މި މަހުގެ 16 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، ދިވެހި ރައްޔިތުންގެ ޕާޓީގެ 3 ވަނަ ޤައުމީ ޖަލްސާ އަކީ ރައްޔިތުންގެ ހިތްތަކުގައި ޑީ.އާރު.ޕީ އަށް އޮންނަ ޤަދަރާއި އިޙްތިރާމް އިތުރުވެގެންދާ ކާމިޔާބު ޖަލްސާއަކަށް ހެދުމަށްޓަކާ ޑީ.އާރު.ޕީގެ ހުރިހާމެންބަރުންވެސް މަސައްކަތް ކުރެއްވުމަށް ޑީއާރުޕީގެ ޒައީމް މައުމޫން ވަނީ އިލްތިމާސް ކުރައްވާފަ.
ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލުގައްޔޫމް ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ޑީ.އާރު.ޕީގެ 3 ވަނަ ޤައުމީޖަލްސާގަޔާއި، ޖަލްސާ ބޭއްވުމަށްޓާކާ ތައްޔާރުވުމުގެ ގޮތުން ކުރެވެމުންއަންނަ މަސައްކަތްތަކުގަޔާއި، ބޭއްވޭ އެތެރޭގެ އިންތިޚާބު ތަކުގައި މެންބަރަކު ހިތްހަމަނުޖެހޭ ކަމެއްދިމާވެއްޖެނަމަ، އެމައްސަލައެއް ޕާޓީގެ އެތެރޭގެ ކަމާގުޅޭ މުއައްސަސާއަށް ހުށަހަޅުއްވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރައްވާފައިވޭ. މީގެއިތުރުން، އެފަދަ ހިތްހަމަނުޖެހުމެއް މެދުވެރިވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި އެކަމުގެ ޝުއޫރުތައް އާންމުތަންތާގާ ފާޅުކުރެއްވުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނައުފެދި، ޕާޓީ ބައިބައިވުމަށް މަގުފަހި ވާނެ ކަމެއެއްކަމަށް ވާތީ، އެފަދަ ކަންކަމުގައި ބައިވެރިވެ ވަޑައިނުގެންނެވުމަށާއި، އެފަދަ ކަންކަމަށް ހިއްވަރު ނުދެއްވުމަށް މައުމޫން ވަނީ ޑީއާރުޕީގެ އެންމެހައި މެންބަރުންނަށް އިލްތިމާސް ކުރައްވާފަ.
ޑީއާރުޕީ ތެރޭގައި ބައިބައިވުން އުފެދޭނެހެން މެންބަރުންގެ މެދުގައި ކޯޅުންއިތުރުވެ، އިތުރު މައްސަލަތަކެއް ކުރިމަތިވަމުންދާ މިދަނޑިވަޅުގައި ޑީއާރުޕީގެ ޒައީމް އަދި ފާއިތު ވީ ތިރީސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ މައުމޫން އަބްދުލް ގައްޔޫމް ޑީއާރުޕީގެ ކޮންގްރެސްގައި ޕާޓީގެ އެންމެހައި މެންބަރުން އެއްބައިވުމަށް ގޮވާލައްވައި އިލްތިމާސް ކުރައްވާފައިވާރު ޑީއާރުޕީ ތެރޭގައި ކޮންމެވެސް ވަރަކަށް ކޯޅުން އުފެދެމުންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކޮށްލެވޭ. އެގޮތުން މިކޯޅުންތަކާއި ދެބަސްވުން ތަކުގެ އަސްލެއް ކަމުގައި ބެލެވެނީ ޑީއާރުޕީގެ ގޮތްޕެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ އިހްތިޖާޖްޓީމާއި، ޑީއާރުޕީގެ ބައެއް މެންބަރުންގެ މެދުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުން ތަކެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނޭ. މިގޮތުން ހޮނިހިރު ދުވަހުގެރޭގެ އިރާކޮޅުގެ ވަގުތެއްގައި ޑީއާރުޕީގެ އޮފީސްދޮށުގައި އިހްތިޖާޖްޓީމްގެ ބައެއް މެންބަރުންނާއި، ޑީއާރުޕީގެ ބައެއް މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޒުވާބުތަކެއް ވަނީ ހިނގާފައި. އަދި ޑީއާރުޕީއަށް މަންދޫބުން އިންތިޚާބް ކުރުމަށް ހޮނިހިރު ދުވަހުގެރޭ ކަލާފާން ސްކޫލުގައި ބޭއްވި ބައްދަލު ވުމުގައި ވޯޓް އޮޅުވާލައި މަކަރުހަދާފައިވާކަމަށްބުނެ، މިކަމާއި ދެކޮޅުހަދާ އަޑުއުފުލުމަށް އާދިއްތަ ދުވަހުގެރޭ އާރޓްފިޝަލް ބީޗަށް ޑީއާރުޕީގެ މެންބަރުން އެއްވުމަށް ގޮވާލައި، އިހްތިޖާޖްޓީމުން ޑީއާރުޕީގެ މެންބަރުންނަށް ފޮނުވަމުން ގެންދާ މެސެޖެއް ދިޓީވީއަށްވެސް ވަނީ ލިބިފަ.









