ދެފަހަރެއްގެ މަތިން މާފުށީ ޖަލު ރޯކޮށްލުމާއި ގުޅިގެން އެތަނަށް ލިބިފައިވާ މާލި ގެއްލުމާއި، އެފަދަ އަމަލުތައް ތަކުރާރުވަމުންދަނީ ކޮންފަރާތެއްގެ އިހްމާލުންތޯ ބަލައި އެކަންކަން ސާފްކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ކޮންގްރެއިން ހޯމް މިނިސްޓްރީގައި އެދެފި.
މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މޮނާޒާ ނައީމް ރައީސަކަށް ހުންނަވާ މޯލްޑިވްސް ނެޝަނަލް ކޮންގްރެސްއިން ހޯމް މިނިސްޓަރ މުހަންމަދު ޝިހާބަށް ފޮނުވި
މިސިޓީގައި ބުނެފައިވަނީ މާފުށީ ޖަލު އަންދާލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ލިބިފައިވާކަމަށް. އަދި އެމައްސަލަ ބަލަމުންގެންދާކަމަށް އެމިނިސްޓްރީން ބުނެފައިވާކަމަށާއި ދައުލަތައް އެހާބޮޑު ގެއްލުމެއް ދިންބަޔަކު ހޯދާ އެމީހުންނާއިމެދު ފިޔަވަޅުއަޅަންޖެހޭނެކަމަށް ނޭޝަނަލް ކޮންގްރެސްއިން ބުނެފައިވޭ. އެމް.އެން.ސީން ހޯމް މިނިސްޓަރަށް ފޮނުވި ސިޓީގައި އެމައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާ، އެކަމުގައި އިހްމާލުވިބަޔަކު ޒިންމާނަގަންޖެހޭނެކަމަށް އެޕާޓީން ގަބޫލުކުރާކަމަށް ބުނެފައިވޭ.
އެޕާޓީގެ ނައިބް ރައީސް ސޮއިކުރައްވާ ޝިހާބަށް ފޮނުއްވި މިސިޓީގައި އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އެމިނިސްޓްރީން ކޮށްފައިވާ ކަންތައްތަކެއް ހުންނަންޖެހޭނެކަމަށާއި އަދި މިކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ތަފްސީލް ރިޕޯޓެއް އެޕާޓީއަށް ފޮނުވައިދިނުމަށް އެދިފައިވޭ. މޯލްޑިވްސް ނެޝަނަލް ކޮންގްރެސްއިން،
ހޯމް މިނިސްޓަރ މުހަންމަދު ޝިހާބަށް މިފަދަ ސީޓީއެއް ފޮނުވާފައިމިވަނީ އެޕާޓީގެ ރައީސް އަދި މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓް މުހަންމަދު ނައީމް ކެބިނެޓްގެ ނިންމުމާއި ޚިލާފަށް ދައުލަތުގެ ފައިސާ ހަރަދު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ މުހަންމަދު ޝިހާބް، ރައީސް ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގެ ޚަބަރު ދިޓީވީންނާއި ބައެއް އެހެން މީޑިޔާތަކުން ގެނެސްދީފައި ވަނިކޮށް. އެސިޓީގައި ޝިހާބު ވިދާޅުވެފައިވަނީ ތަކުރާރުކޮށް ކެބިނެޓްގެ ނިންމުމާ އެއްގޮތަށް ކަންތައްތައް ކުރެއްވުމަށް މޮނާޒާ ނަޢީމަށް އެންގެވި ނަމަވެސް އެނިންމުމާ އެއްގޮތަށް އޭނާ އަމަލު ކުރައްވަމުން ނުގެންދަވާ ކަމަށް.









