ރާއްޖޭގައި މިހާރު އުފެދިފައި މިއޮތީ އިއްތިހާދުގެ ސަރުކާރެއްކަމަށާއި މިސަރުކާރަކީ މާރިޔާ ވިދާޅުވާގޮތަކަށް ނުވަތަ ރީކޯ މޫސަ ވިދާޅުވާގޮތަކަށް ކަންތައްތައް ކުރުމަށް ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ނޫންކަމަށް ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފި.
ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ އަދި އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީން މިހެންބުނެފައިވަނީ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެއްސުމާ ގުޅިގެން އަދާލަތު ޕާޓީން ހިންގާ ހަރަކާތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދަރުބާރުގެ ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި.
މިނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެޕާޓީގެ ޗީފް ސްޕޯކްސްމަން އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ގާއިމްކޮށްފައިވާ ސަރުކާރަކީ އެންމެ ފަރުދަކު ގާއިމްކޮށްފައިވާ ސަރުކާރެއް ނޫންކަމަށާއި މި ސަރުކާރަކީ އިއްތިހާދުގެ ސަރުކާރެއްކަމަށްވާތީ ގައުމީ ފެންވަރުގައި ކުރަންޖެހޭ މިފަދަ ކަންތައްތައް ކުރުމުގައި އިއްތިހާދުގައި ހިމެނޭ ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދަންޖެހޭނެކަމަށް. އަދި މިހާރުގެ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދުގެ ސިޔާސަތަކީ އިލްމުވެރިންގެ ބަސް ގަބޫލުކުރައްވައިގެން ސަރުކާރު ބައްޓަން ކުރެއްވުންކަމަށްވާނަމަ އެގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވެފައި އޮންނަން ޖެހޭނެކަމަށް ޝަހީމް ވިދާޅުވި.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސަދުﷲ ޝާފިއީ އަހުމަދު ވިދާޅުވީ މިސަރުކާރުން ކުރިންވެސް މިގަވާއިދަށް އަމަލުކުރަން ފެށުމަށް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށް އަނބުރާ ގެންދިއުމަށްފަހު ބަނގުރާ ވިއްކުން ހުއްދަނުކުރުމަށް ރައްޔިތުން ގޮވަމުންދަނިކޮށް އެކަމަށް އިޖާބަ ނުދީ މިފަދަ ގޮތަކަށް މަސައްކަތް ކުރަމުންދިއުމުން ދޭހަވެގެންދަނީ ދިވެހި ރައްޔިތުންނަށް މަލާމަތްކޮށް ޖެއްސުންކުރުމަށް ސަރުކާރުން ކުރަމުންދާކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް. އަދި މިކަމަކީ އެއްވެސް މީހަކަށް ހުއްދަކުރެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި.
އަސަދުﷲ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރާ ގަވާއިދާއި ދެކޮޅު ހެދުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުކުރު ދުވަހު ހެދިގޮނޑުދޮށުގައި ބާއްވާ އެއްވުމަށް ފަހުވެސް މިގަވާއިދަށް އަމަލުކުރުން ހުއްޓާނުލައިފިނަމަ ދެން ކުރިމަތިވެގެންދާނީ ރާއްޖޭގައި ހަށިވިއްކާ ޚާނާތަކާއި ޖުވާކުޅޭ ޚާނާތައް ހަދައި ފައްޅި އެޅުމުގެ މަސައްކަތް ކުރަމުންދާތަން ކަމަށް ޝާފިއީ ވިދާޅުވި. ޝާފިއީ ވިދާޅުވީ އަދާލަތު ޕާޓީގެ މަގުސަދަކީ ދީނީ ކަންތައްތަކާއި ޚިލާފްވާ މިފަދަ އަމަލުތައް ހުއްޓުވުންކަމަށް.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަގުރާ ވިއްކުމުގެ ހުއްދަދިނުމާއި ދެކޮޅު ހެދުމުގެ ގޮތުން ފަންސާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ސިޓީއެއްވެސް ވަނީ އަދާލަތުޕާޓީން ރައީސް ނަޝީދަށް ފޮނުވާފައި. އަދާލަތު ޕާޓީގެ ވާހަކަ ތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަމުން ޑީއާރުޕީގެ ލީޑަރުކަމަށް އިންތިޚާބް ކޮށްފައިވާ ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ ވިދާޅުވީ، އަދާލަތު ޕާޓީއަކީ ސަރުކާރުގެ ކޯލިޝަންގައި، މުހިންމު ދައުރެއް އަދާކުރަމުން ސަރުކާރަށް އެއްބާރުލުން ދެމުންދާ ޕާޓީއެއްކަމުން މިގޮތަށް ދައްކާ ވާހަކަތަކަށް ތާއީދު ނުކުރެއްވޭނެކަމަށް. އަދި އަދާލަތުންވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުންކަމުގައިވާނަމަ މިހާރުން މިހާރަށް ސަރުކާރުން ވަކިވުމަށް އަދާލަތު ޕާޓީގެ މެންބަރުންނަށް ތަސްމީން ގޮވާލެއްވި.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރާ ގަވާޢިދަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގަވާޢިދެއް ނަމަވެސް މިގަވާޢިދު ސަރުކާރުން އާންމުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ގަވާޢިދު ކޮމިޓީއަށް ފޮނުވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނޭ.









