ގައުމީ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކޮށްފައިވާ އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މިސަރުކާރުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް ކޮށްފައިވާ ކަންތައްތަކާއި، ހިންގާފައިވާ އަމަލުތަކަށް ބަލާ ގައުމީ ޕާޓިން ތައްޔާރުކުރާ ރިޕޯޓްގެ މަސައްކައް މިހާރު ނިންމާ މަރުހަލާއަށް، ގޮސްފައިވާކަމަށާއި މި ރިޕޯޓް ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވާކަމަށް. އަދި މި ރިޕޯޓް ނެރުމަށްފަހު އިންޓަރނޭޝަނަލް ކޮމިއުނިޓީތަކަށް ހުށެހެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި.
ޖަމީލު ވިދާޅުވީ މައިގަނޑު ގޮތެއްގައި ރިޕޯޓްގައި ފާހަގަކޮށްފައިވާނީ މި އެމް.ޑީ.ޕީން ސަރުކާރާއި ހަވާލުވުމަށްފަހު ސަރުކާރު ހިންގާ އެމް.ޑީ.ޕީގެ އެކްޓިވެސްޓުންނަށާއި އެޕާޓީއަށް ނިސްބަތްވާ އެކިއެކި ފަރާތްތަކާއި، މި ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި އެހީތެރިވި ފަރާތްތަކަށް ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކުން ލިބިފައިހުރި މަންފާތަކާއި، ނަގާފައިހުރި ނާޖާއިޒް ފައިދާތައްކަމަށް. އަދި މިހާރު ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫއުތައް ބައްޓަންކުރެވިފައިވަނީ ވަކިބަޔަކަށް މާލީ މަންފާ ލިބޭގޮތައްކަން މި ރިޕޯޓުން ފެނިގެންދާނެކަމަށް ގައުމީ ޕާޓީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާ ޑރ. ޖަމީލް ވިދާޅުވި.
އަދި މިސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރި ގައުމީޕާޓިން ސަރުކާރުން ވަކިވާންޖެހުނީވެސް ސަރުކާރު ރަނގަޅަށް ނުހިންގޭތިކަމަށް މި ސަރުކާރުގެ ސިވިލްއޭވިއޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވި.









