ޕްރޮވިންސް ހަދައިގެން ރާއްޖެ ހިންގުމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ދައްކަމުންދާ ބަހަނާއަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫންކަމަށް މާމިގިލީދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ވިދާޅުވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ވާހަކަ ދައްކަވަމުންނެވެ.
"ހަތްޕްރޮވިންސް ހަދައިގެން ރާއްޖެ ހިންގަން ސަރުކާރުން ދައްކަވާ ބަހަނާއަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫން. އިދާރީ ގޮތުން ރާއްޖެ ހިންގަންޖެހޭނެ ގޮތް ގާނޫނު އަސާސީގައި އެބައޮތް ބުނެފައި" ގާސީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިއޭކޭ އެއްގޮތަށް އޮޅުވާލައިގެން ރައީސްގެ އަތްޕުޅު މައްޗަށް ހުރީހާ ބާރުތަކެއް ޖަމާކޮށްގެން ވެރިކަން ހިންގެވުމަށް ކަމަށެވެ. މިއީ ޖަރީމާއެއް ކަމުގައި ނޫނީ ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިސަރުކާރަކީ އިއްތިހާދު ހަދައިގެން ރައްޔިތުންގެ އަތުން ވޯޓު ހޯދައިގެން އުފެދިފައިވާ ސަރުކާރެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިހާރުވަނީ އިއްތިހާދު ހެދި މީހުންގެ މޫނުމަތީގައި ތަފާލެއް ޖަހައި އެމީހުން ސަރުކާރުން ބޭރުކޮށްފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވަޢުދާއި އަހުދާ ޚިލާފުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ވަޢިދާއި އަހުދަށް ޚިލާފުވެ ޚިޔާނާތްތެރިވުމަކީ ކޮންފަދަ ކަމެއްތޯ ވިދާޅުވެ ގާސިމް ސުވާލު ކުރެއްވިއެވެ.









