Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ދީން ދީން ރާއްޖޭގައި ބުދު ފައްޅިއެއް ހެދިގެން ވެސް އަދި ހަދައިގެން ވެސް ނުވާނެއެވެ.

ރާއްޖޭގައި ބުދު ފައްޅިއެއް ހެދިގެން ވެސް އަދި ހަދައިގެން ވެސް ނުވާނެއެވެ.

falhlhi
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް އަޑީގައި ދިވެހި ބަޔަކު ތިބެގެން ބޭރު ބަޔަކު ލައްވައި ކުރަމުން އައި ޕްރެޝެރެއްގެ ސަބަބުން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށް ރާއްޖޭގައި ފައްޅި އެޅުމުގެ ވާހަކަ ދެކެވިގެން ހިނގައްޖެއެވެ. މިކަމަކީ ރާއްޖޭގެ ސަގާފަތާއި ދީނަށް ގޮންޖެހުމުގެ ނިޔަތުގައި ދީނުގެ ޢަދުއްވުން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭން ބައެކެވެ. ރާއްޖޭގައި އުޅެނީ ހުސް ދިވެހިންނެވެ. ދިވެހިންގެ ދީނަކީ ޤާނޫނު އަސާސީ ބުނާގޮތުން އިސްލާމް ދީނެވެ. އެނޫން ދީނަކަށް ދިވެހިން ތަނެއް ނުދޭނެއެވެ. ދެވިގެންވެސް ނުވާނެއެވެ. މިހާރު މިއޮތީ ޑިމޮކްރަސީގެ ދުވަސްވަރެވެ. މިނިވަންކަމުގެ އޮއިވަރެވެ. އިންސާނިއްޔަތުގެ އަޑުފަށެވެ. މިހުރިހާ ކަމެއްގެ ތެރޭން ލާފައި ރާއްޖޭގައި ފައްޅިއެއް އެޅުމުގެ ވާހަކަ ދެކެވޭއިރު އަޅަންޖެހެނީ ކޮންކަހަލަ ފައްޅިއެއްތޯ، އެއީ ވެސް އުފެދޭ ސުވާލެކެވެ
ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން ގިނަވިކަމުގައި ވިއަސް މިމީހުންގެ ތެރޭގައި ނަޞާރާއިން އެބަތިއްބެވެ. ބުޑިސްޓުން އެބަތިއްބެވެ. ހިންދޫން އެބައުޅެއެވެ. މަޖޫސީން އެބައުޅެއެވެ. އަދި މަދުން ނަމަވެސް ޔަހޫދީންވެސް އެބަ އުޅެއެވެ. މިމީހުން މިއެދެނީ މިހުރިހާ ވައްތަރެއްގެ ފައްޅިތަކެއް އަޅަން ބާއެވެ. މިއެންމެންގެ ވެސް އެބުނާ ޙައްޤުގެ ވާހަކަ އޮންނާނެއެވެ. ކޮންމެ ތަނެއްގައި އެތަނެއްގައި އުޅެންޖެހޭ ޤަވާޢިދަކާއި އުޞޫލުތަކެއް އޮވެއެވެ. ޕާސްޕޯޓަކާއި ނުލައި ރާއްޖެ ނުވަދެވޭ ފަދައިން ވިޒާއަކާ ނުލައި ވެސް ރާއްޖޭގައި ނޫޅެވެއެވެ. އަދި ރާއްޖޭގެ ޤަވާޢިދުތައް ތަންދޭ ގޮތުން އަމަން އަމާންކަމަށާއި ތަނުގެ ސަލާމަތަށް ރައްކައުތެރިވުމަކީ އެމީހުންނަށް ވާޖިބު ކުރާ ކަމެކެވެ. އެމީހުންގެ ހެދުން ހުންނަންވާ ޤަވާޢިދެއްވެސް ހެދިފައި އެބަ އޮވެއެވެ. އެހެން ކަމަށް ވާނަމަ ސަތޭކައިން ސަތޭކަ މުސްލިމުންތަކެއް ދިރިއުޅޭ ޤައުމެއްގައި ބޭރުން އައިސް ތިބި ބައަކު ތަނުގެ މުވާޠިނުންގެ ޢަޤީދާއަށް ބުރޫއަރާ ކަމަކަށް ދަޢުވާކޮށް، ތަނުގެ އަމަންއަމާންކަން ނަގާލަން މަސައްކަތްކުރާކަށް ނުޖެހެއެވެ. އެމީހުންނަށް އެމީހުންގެ ގޯތި ގެދޮރުގައި، ޢާއްމު ރައްޔިތުންނަށް ނުފެންނަ ގޮތަކަށް، އެމީހުން ޤަބޫލުކުރާ ދީންތަކަށް އުޅުމުގެ މިނިވަންކަން އެބަ އޮތެވެ. އެމީން އުޅެން ޖެހޭނީ އެމިންވަރަށެވެ. ތިމާމެންގެ އިންސާނީ ޙައްޤުގެ ނަމުގައި އަނެކުންގެ އިންސާނީ ޙައްޤު ފޭރިގަންނާކަށް ނުޖެހެއެވެ. އަދި އިންސާނީ ޙައްޤޭ ކިޔަައިގެން ޙަޔަވާނިއްޔަތަށް ގޮވައިލާކަށް ވެސް ނުޖެހެއެވެ. ބަޔަކު ކިތަންމެ ނުރުހުނު ކަމުގައި ވިއަސް މިޤައުމުގައި ފައްޅިއެއް ނޭޅޭނެއެވެ. މިއީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ރުހޭނޭ ކަމެއް ނޫނެވެ. މިކަންކުރަން އުޅޭ ބަޔަކަށް މޮޅީ އެކަން ހަނދާންނައްތާލާށެވެ. މިރާއްޖެއަކީ އިންޑިޔާގައި ހިންގަމުންދާ ކަހަލަ ދީނީ މައްސަލަ ތަކުގައި ތަޅާފޮޅައި ނަސްލު ނައްތަމުންދާ ޤައުމަކަށް ވެގެންދާކަށެއް އަޅުގަނޑުމެން ބޭނުން ނުވަމެވެ. ބޮންމޭގެ މަގުތަގައި މިސްކިތަކާއި ޖެހިގެން ފައްޅިއަކާއި މަންދިރެއް ހުއްޓަކަސް، އަދި އެޤައުމުތަކުގައި ކިރިސްތިޔަނުންނާއި ހިންދީންނާއި ބުޑިސްޓުންނާއި ސިކުންނާއި މަޖޫސީންނާއި މުސްލިމުންގެ ދެމެދުގައި ދީނީ އެއްރޫޙެއް އުފެއްދުމުގެ ސިޔާސަތެއް އެޤައުމުތަކުގެ ސަރުކާރުން ގެންގުޅުނަކަސް ދިވެހި ރާއްޖޭގައި އެކަން އޮންނާކަށް ނުޖެހެއެވެ. އިސްލާމް ދީނަކީ ހުރިހާ ދީންތަކަށް ހުރުމަތްތެރިކޮށް ހިތާ ދީނެކެވެ. އެއްވެސް ދީނަކަށް ބަދުބަހެއް ބުނުން މަނާކުރާ ދީނެކެވެ. އެހެންކަމުން އިސްލާމް ދީން ފިޔަވައި އެހެން ދީނަކާ މެދު ބަދު ބަހެއް ބުނުން މިޤައުމުގައި ކުރެވިގެންވާނޭ ކަމަކަށް ނުވާފަދައިން، އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ ޝިޢާރު ފާޅުކުރުން ވެސް މިޤައުމުގައި އޮވެގެނެއް ނުވާނެއެވެ.
އެންމެ ފަހުން ބަދަލުކުރީ 06:19 ބުދަ, 07 އޮކްޓޯބަރ 2009