ސަލާމުގެ ޛަރީޢާއިން ސަލާމް ކުރާމީހާ ތިމާއީ މުސްލިމެއްކަން އިޢުލާން ކުރަނީއެވެ. އަދި ސަލާމް ރައްދުވާމީހާއަށް ތިމާގެ ފަރާތުން އެއްވެސް ނުރައްކަލެއްނުވާކަމާއި، ތިމާގެ އަތާއި، ދުލުގެ ނުބައިކަމުން އޭނާ ސަލާމަތްވެގެން ވާކަން ހާމަކޮށް، ދެމީހުންގެ ދެމެދުގައިވާ ނުރައްޓެހިކަމުގެ ފަރުދާ ކަޝްފުކުރަނީއެވެ. އަދި ހަމަމިއާއެކު ސަލާމް ރައްދުވާ މީހާއަށް ޓަކައި ﷲގެ ޙަޟުރަތުން ރަޙްމަތާއި ބަރަކާތަށް އެދި ދުޢާކުރަނީއެވެ. ސަލާމްކުރުން މިއީ ސުންނަތެކެވެ.
މިހެންކަމުން " السلام عليكم ورحمة الله وبركاته" މިފަދައިން ކިޔައި ސަލާމް ކުރާމީހާއަށް ތިރީސް ހެޔޮކަންލިބެއެވެ. މީހަކާ ބައްދަލުވާހިނދު އިސްވެ ސަލާމްކުރުން އާދަކޮށްފި މީހާ ކިބުރުވެރިކަމުން ބަރީއަވެގެންވާކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގުމާތްވި އިރުޝާދުން އެނގިބަޔާންވެގެންވެއެވެ. [ البادئ بالسلام بريئ من الكبر ] (ترمذى) މުސްލިމުންގެ މެދުގައި "ސަލާމް" މިޝިޢާރު ފާޅުކޮށް ހެދުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ ގޮވާލައްވާފައެވެ. މިހެންކަމުން ތަރުހީބުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ] أبخل النّاس الذى يبخل بالسلام [ (މީސްތަކުންގެތެރެއިން އެންމެ ދަހިމީހަކީ ސަލާމްކުރުމަށް ދަހިމީހާއެވެ.) ދަންނަވަންތޮއެވެ! ދަހިވުމާއި ދަހިވެތިވުމާއި މިއީ މުޅިންދެމާނައިގައި ބޭނުންކުރެވޭ ދެބަހެވެ. ދަހިވުމަކީ ބަޚީލުވުމެވެ. ކަމެއްކުރުމަށް ނުރުހުންވެ ފަސްޖެހުމެވެ. ދަހިވެތިވުމަކީ ކަމެއްކުރުމަށް ޝައުޤުވެރިވެ އެދުންވެރިވުމެވެ. ވީމާ 28 މާރޗް 1997 ( ހުކުރު ދުވަހުގެ ) "މިއަދު" ނޫހުގެ 3 ވަނަ ޞަފްޙާގައި] أبخل النّاس الذى يبخل بالسلام [ މިޙަދީޘްގެ ތަރުޖަމާ "މީސްތަކުންގެ ތެރެއިން އެންމެ ދަހިމީހަކީ ސަލާމްކުރުމަށް ދަހިވެތިވާމީހާއެވެ." މިގޮތަށް ލިޔުއްވާފައިއެވަނީ މުޅިން ނުބައިކޮންނެވެ. މިއިން ދޭހަވަނީ ސަލާމްކުރުމަށް ޝައުޤުވެރިވެ އެކަމަށް އެދުންވެރިވާމީހާ އެއީ މީސްތަކުންގެތެރެއިން އެންމެ ބަޚީލުމީހާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދިޘް ކުރައްވާފައިވާ ޙަދީޘްގެ މާނައާއި އޭގެ މުރާދު މުޅީންބަދަލުވީއެވެ. ފުލޯކުވާހަކަތަކާއި، ނާވިލްތަކާއި، އަދި މިނޫނަސްމީހުންގެ ލިޔުންތައް ތަރުޖަމާކޮށް ހެދުމުގައި މިބާވަތުގެ އިހުމާލުތައް މާބޮޑުކަމަކަށް ނުވިނަމަވެސް ﷲގެ ކަލާމާއި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތައް ތަރުޖަމާ ކުރުމުގައި މިގޮތަށް މާނަ ބަދަލުވެގެންދާ ދިއުމަކީ ކުޑަކަމެއްނޫނެވެ. މިހެނީ އެއިގެ ސަބަބުން މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތަކުގެ ހަޤީޤަތް އޮޅޭގޮތްވެދެއެވެ. އަދި ބައެއްފަހަރު ނެއެކަށޭ ނުބައިދޭހައިގެ ސަބަބުން މީސްތަކުންމަގުފުރެދޭ ގޮތްވެސްވެއެވެ. ބައްލަވާށެވެ.! އިސްވެ ބަޔާންވެދިޔަ ޙަދީޘްގެ ދޭހައެވަނީ ކިހާބޮޑަކަށް ބަދަލުވެފައިތޯއެވެ. އެޙަދީޘްއާއިއެކު ހަމައެނޫހުގެ އެޞަފްހާގައި ބަޔާންވެގެންވާ އަނެއްޙަދީޘްގެ ތަރުޖަމާއަށް ބައްލަވާށެވެ. [إن كانت الأمة من أهل المدينة لتأخذ بيد رسول الله صلى الله عليه وسلم فما ينزع من يدها حتّى تذهب به حيث شاءت من المدينة فى حاجتها ] (މަދީނާގެ އަންހެނުންގެ ތެރެއިން އަންހެނަކު ރަސޫލުﷲގެ ފާނުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އެކަލޭގެފާނު އޭނާގެ އަތުން އަތްޕުޅު ދަންމަވައެއް ނުގަންނަވައެވެ. އެކަނބުލޭގެ އެކަލޭގެފާނު ގޮވައިގެން އެކަނބުލޭގެ ބޭނުންވާ ހިސާބަކަށް ގޮސް އެކަނބުލޭގެ ބޭނުންވާ ކަމެއްކޮށް ދެއްވައިފުމަށް ދާންދެނެވެ.) އެނޫހުގައި މިޙަދީޘް ބަޔާން ވެގެންވަނީ ހިލޭފިރިހެނުން ހިލޭ އަންހެނުންނަށް ސަލާމްކުރުމުގައި އަތާ އަތްޖޯޑުކޮށް ސަލާމްކުރުމަކީ ޙަރާމްކަމެއްނޫންކަން ޘާބިތުކުރުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ކުރެއްވި ކަމެއްގެ ގޮތުގައެވެ. މިއީ ކިހާބޮޑު ނުބައެއްތޯއެވެ. މިނޫސް ބެއްލެވި ބައެއް ޒުވާނުންބުނަނީ "ތިމަންމެންގެ އަތުގައި އަންހެނަކު ހިފައިފިއްޔާ އޭނާގެ އަތުން އަތްދަމައިނުގަނެ އޭނާ ބޭނުންވާ ހިސާބަށް ގޮސް ބޭނުންވާކަމެއްކޮށް ދިނުން މިއީ ރަސޫލު ސުންނަތެއްކަން ތިމަންމެނަށް އެގިއްޖެކަމުގައެވެ. " މިއީ ކިހާބޮޑު ނުބައެއްތޯއެވެ؟ އަދި ކިހާބޮޑު މަގުފުރެދުމެއްތޯއެވެ؟ މިނުބައި މިގޮތަށް އުފެދެން ޖެހުނީ ޙަދީޘްގެ ތަރުޖަމާ ނުބައިކޮށް ކުރުމުގެ ސަބަބުން ކަމާމެދަކު ކުޑަވެސް ޝައްކެއްނެތެވެ. ޙަޤީޤަތުގައި މިޙަދީޘަކީ އަލްއިމާމް ބުޚާރީ "ކިތާބުލް އަދަބު"ގެ ބާބުލް ކިބުރުގައި، އަދި އިބުނު މާޖާ "كتاب الزهد " ގެ "باب البراعة من الكبر والتواظع" ގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މަޑުމައިތިރި ކަމާއި އެއްވެސް ބޮޑާކަމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޒާތުފުޅުގައި ނުވާކަން ބަޔާންކުރެއްވުމައްޓަކައި ބަޔާންކުރައްވާފައިވާ އަނަސްބުނު މާލިކުގެ ރިވާޔަތެކެވެ. މީގެ ރަނގަޅު ތަރުޖަމާއަކީ { މަދީނާގެ އަހުލުވެރިންގެ ތެރެއިން އަޅު އަންހެނަކުވިޔަސް ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުގައި ކަނޑައެޅިގެން ހިފައިފިއްޔާ (އެބަހީ މަދަދާއި އެހީއަށް އެދެފިއްޔާ) އޭނާ ރަސޫލާ ގޮވައިގެން އޭނާގެ ބޭނުމުގައި މަދީނާގެ ތެރެއިން އޭނާބޭނުންވާ ތަނަކަށް ގޮސްފުމަށް ދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެރަސޫލާގެ އަތްޕުޅު އޭނާގެ އަތުން ދަތްމަވައިނުގަންނަވައެވެ.} (އެބަހީ މަދަދާއި އެހީ ދެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެއެވެ.) މިއެވެ. މިއީ އެންމެހާ އާދަމުގެދަރިންގެ ސާހިބާ އަދި އެންމެހާ ނަބީންނާއި ރަސޫލުންކުރެ އެންމެ މާތް ރަސޫލާގެ ޒާތުފުޅުގައި ބޮޑާކަންނެތިފައި މަޑުމައިތިރިކަންވާ ބޮޑުކަން ބަޔާންކޮއްދެއްވުމުގެ ގޮތުން އަނަސްބުނު މާލިކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ފަހަރެއްގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުގައި ހިލޭ އަންހެނަކު ހިފައިގެން އޭނާގެ އަތުން އަތްޕުޅު ދަންމަވާނުގެން އޭނާއާއެކު އޭނާބޭނުންވާ ހިސާބަކަށް ވަޑައިގެން އޭނާބޭނުންވާ ކަމެއްކޮށްދެއްވާފައިވާތީ އެވާހަކަ ބަޔާންކުރެއްވުމުގެ ގޮތުން އަނަސްގެފާނު ވިދާޅުވި ބަސްފުޅެއްނޫނެވެ. އަދި މިއީ އަތާ އަތްޖޯޑުކޮށް ސަލާމްކުރުމާ އެއްވެސް ގުޅުމެއްހުރި ޙަދީޘެއްނޫނެވެ. އެދުވަސްވަރު އަޅުއަންހެނުން ބެލިފައިވަނީ މީސްތަކުންގެ ތެރެއިން އެންމެ ދަށުދަރަޖައިގެ މީހުންގެ ގޮތުގައެވެ. އެކަމަކު އަޅުއަންހެނަކުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުގައި ހިފަންކެރިދާހާ ބޮޑަށް ޒާތުފުޅުގައި ތަވާޟުޢުވެރިކަން ވާކަން އަނަސްބުނު މާލިކް ބަޔާންކުރެއްވީއެވެ. ވީމާ ފަހަރެއްގައިވެސް ހިލޭއަންހެނުން ހިލޭ ފިރިހެނުންނަށް އަތާއަތް ޖޯޑުކޮށް ސަލާމްކުރުމަކީ ޙަރާމްކަމެއް ނޫންކަމުގެ ދަލީލަކަށް މިޙަދީޘް ނުވާނެއެވެ. އަދިމިގޮތަށް ޙަދީޘްގެ ތަރުޖަމާ އޭގެމާނައާއި މުރާދު ބަދަލުވެގެންދާގޮތަށް ކުރުމަކީ އެއްވެސް ހާލެއްގައި މުސްލިމަކު ކޮށްގެންވާވަރުގެ ކަމެއްނޫނެވެ. އަނަސްބުނު މާލިކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖްރަކުރައްވާ ވަޑައިގެންނެވިއިރު ޢުމުރުފުޅުން 10 އަހަރުގެ ބޭފުޅެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމް ހިޖްރަކުރެއްވީއްސުރެން ދުނިޔެ ދޫކުރައްވައިފުމަށް ދާންދެން އަނަސް ބުނު މާލިކް ހުންނެވީ ޚާދިމެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ އަރިހުގައެވެ. އަނަސްގެ ބައްޕާފުޅު މާލިކްވީ އަވަހާރަވެފައެވެ. މަންމާފުޅަކީ އުއްމު ސުލައިމުއެވެ. ބޮޑުދައިތާފުޅަކީ އުއްމު ޙަރާމެވެ. މިދެބޭކަބަލުންނަކީ ނަސަބުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމްގެ ދެ ބޮޑުދައިތާފުޅުކަން ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ކާފާފުޅުގެ މަތިފުށުގެ ނަސަބުފުޅު ދިރާސާ ކުރައްވާ އެއްވެސް ބޭފުޅަކަށް ވަންހަނާވެގެން ނުވާނެއެވެ. އުއްމު ސުލައިމުގެ ފިރިކަލުންނަކީ އަބޫ ޠަލްޙަތެވެ. (މިއީ އަނަސްގެ ދޮންބައްޕާފުޅެވެ.) އުއްމު ޙަރާމްގެ ފިރިކަލުންނަކީ ޢުބާދަތުބުނު ޞާމިތެވެ. ރަސޫލުﷲ ސައްލަﷲ ޢަލައި ވަސައްލަމް ވަރަށް ގިނައިން އުއްމު ސުލައިމާއި އުއްމު ޙަރާމުގެ އަރިއަހަށް ވަޑައިގެން އުޅުއްވައެވެ. ބުޚާރީއާއި މުސްލިމުގައި އަނަސްބުނު މާލިކުގެ އަރިއަހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަނަސުގެ ބޮޑުދައިތާފުޅު (ޢުބާދަތުބުނު ޞާމިތުގެ އަބިކަބަލުން) އުއްމު ޙަރާމުގެ އަރިއަހަށް ވަޑައިގެންއެކަމަނާގެ އުގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން މެންދުރުވަގުތު ނިދި އަވަހާރަފުޅު ލެއްޕެވިއެވެ. އަދި އެކަމަނާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ އިސްތަށިފުޅުގައި އަތްފުނާއަޅުއްވައި ހެއްދެވިއެވެ. ހޭފުޅުލެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިނިވަރުނަ ކުރެއްވިއެވެ. އެހިނދު އުއްމު ޙަރާމް ސުވާލު ދެއްނެވުމުން ޙަދީޘްކުރެއްވިއެވެ. "އަހަރެންގެ އުއްމަތުގެ ބަޔަކު ދައްކާލެވުނެވެ. އެމީހުން ކަނޑުގެ ބުރަކަށި މައްޗަށް ސަވާރުވާނެއެވެ. (އެބަހީ ﷲގެ މަގުގައި ޖިހާދުކުރުމަށް ކަނޑުތައް ހުރަސްކުރާނެއެވެ.) އެމީހުން ހީވާނީ ތަޚްތުމަތީގައިވާ ރަސްކަލުންހެންނެވެ. އުއްމު ޙަރާމް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ! އަޅުއެމިހުންގެ ތެރެއިން ލެއްވުމަށް އެދި ދުޢާ ކޮށްދެއްވާށެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމު ޙަރާމަށް ޓަކައި ދުޢާ ކުރެއްވިއެވެ. މިޙަދީޘާއި ސަލާމް ކުރުމާއި ހުރީ ކޮން ގުޅުމެއްތޯއެވެ؟ އަދި ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާއި އަތާއިއަތް ޖޯޑުކޮށް ސަލާމްކުރުމަކީ ޙަރާމްކަމެއް ނޫން ކަމުގެ ދަލީލަކަށް މިޙަދީޘް ވާނީ ކިހިނަކުންތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޮޑުދައިތާފުޅެއްގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅުލެއްޕެވުމާއި އަދި ބޮޑުދައިތާފުޅަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްތަށިފުޅުގައި އަތްފުނާއެޅުއްވުން މިއީ ހިލޭފިރިހެނުން ހިލޭއަންހެނުންނާއި އަތާއަތްޖޯޑުކޮށް ސަލާމްކުރުމަކީ ޙަރާމްކަމެއްނޫންކަމުގެ ދަލީލަކަށް ވަންޏާ މީހަކަށް އެއްކޮށް ކަޑާ ގެއްލާ ގުނަކުރަން އެގުންމިއީ ތަފްސީރު ޢިލްމާއި ޙަދީޘް ޢިލްމު އޭނާއަށް ނޭއެގޭކަމުގެ ދަލީލަކަށް ނުވާނެތޯއެވެ؟






